ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ފުލުހުން ގާއިމުކޮށްފި އެވެ.
ރާއްޖޭގައި އިތުރުވަމުން އަންނަ ސްކޭމް މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ސެންޓަރެއް ޤާއިމްކޮށްފަ އެވެ.
އަދި މިދިޔަ ހޯމަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ނިންމަވާފަ އެވެ.
ފުލުހުން ބުނީ މި އައު ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ވެސް ވަނީ ޤާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށް ފުލުހުން ބުނެ އެވެ.
މިއާއެކު މިއަދުން ފެށިގެން ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ބުނެ އެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.