Last Updated: April 21, 16:03
Monday, April 21, 2025
ދުނިޔެ

އިޒްރޭލުން ގާޒާ އަށް އަލުން ހަމަލާ ދޭން ފަށައިފި

އިޒްރޭލުން ގާޒާއަށް އަލުން ހަމަލާތައް ދޭން ވަނީ ފަށާފައި

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް އަލުން ހަމަލާދޭން ފަށައިފި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން އަލުން މި ފެށީ ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ ޖެނުއަރީގައި އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވަނިކޮށެވެ.

ނަމަވެސް އެ އެއްބަސްވުމާ ހިލާފުވެ، އެއްވެސް އިންޒާރެއް ވެސް ކުރިން ދިނުމެއް ނެތި ގާޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ވަނީ ވައިގެ ހަމަލާތައް ދޭން ފަށައިފަ އެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތަކުގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 200 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގާޒާއަށް އަލުން ހަމަލާތައް ދޭން ފެށުމާ ގުޅިގެން ހަމާސް ޖަމާއަތުން ބުނީ އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޖަވާބުދާރީކުރުވަން ހަމާސް އިން ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކަޓްޒް ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަން ނުކޮށްފިނަމަ "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. އަދި ހަމާސް އިން މީގެކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.