Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ހިތަދޫ ސްކޫލްގެ މޮޅު ދަރިވަރުންނަކީ އަރީބާއި ނޫރާން

އައްޑޫ ހިތަދޫ ސްކޫލްގެ ފާއިތުވި 2022-2023 އާއި 2023-2024 ވަނަ ދިރާސީ އަހަރު، ގެ އެންމެ މޮޅު ދަރިވަރުންނަށް ނޫރާން ބިންތި މުޙައްމަދާއި ޢަލީ ޢަރީބު އިޤްބާލް ހޮވިއްޖެ އެވެ.

އެގޮތުން އެ ސްކޫލްގެ 2022-2023 ވަނަ ދިރާސީ އަހަރުގެ އެއްވަނަ ދަރިވަރަކީ ނޫރާން އެވެ. މިދިޔަ އަހަރުގެ އެއްވަނަ ދަރިވަރަކީ ޢަރީބެވެ.

މިދިޔަ އަހަރު ދެވަނަ ތިން ވަނަ އަށް ވެސް ދަރިވަރުން ހޮވިއެވެ. 2023-2024 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ ފާޠިމާ ނޫރައިން ފައިސަލެވެ. ތިން ވަނަ ލިބުނީ މުޙައްމަދު ޒާދު ޒާހިރަށެވެ.

ވަނަތައް ދިނުމުގައި އެއްވަނައިގެ އިތުރުން ދެވަނަ ތިން ވަނަ ހޮވަނީ އިމްތިޙާނު ހަދާ ދަރިވަރުންގެ އަދަދަށް ބަލައިފަ އެވެ.

ހިތަދޫ ސްކޫލްގެ 2022-2023 ވަނަ ދިރާސީ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި ނޫރާން، އޯ ލެވެލް އިމްތިޙާނުން، ޤައުމީ ގަދަ 10 އެއްގެ، 1ވަނަ ޙާޞިލުކުރުމުގެ އިތުރުން މެރައިން ސައިންސް މާއްދާއިން އިން ރާއްޖެއިން 1 ވަނަ ލިބި، ކެމްބްރިޖް ލާނާސް އެވޯޑް ހޯދާފައިވެ އެވެ.

މިދިޔަ އަހަރު އެއްވަނަ ދަރިވަރުގެ ގޮތުގައި ހޮވި ޢަރީބު އަކީ އޯ ލެވެލްގައި ޤައުމީ ގަދަ 10 އެއްގެ ހަ ވަނަގައި ހިމެނުނި ދަރިވަރެކެވެ.

މިދިޔަ އަހަރު އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނު ފާޠިމާ އަކީ އިނގިރޭސި މާއްދާއިން ދުނިޔެއިންނާއި ރާއްޖެއިން އެއްވަނަ ހޯދާ، ކެމްބްރިޖް ލާނާސް އެވޯޑް އޭނާ ހޯދާފައިވާ ދަރިވަރެކެވެ. އަދި އެންމެ މޮޅު ތިންވަނަ ދަރިވަރަކަށް ހޮވުނު، ޒާދު އަކީ އޯ ލެވެލްގައި ގައުމީ ގަދަ 10ގެ 4 ވަނަ ހޯދި ދަރިވަރެކެވެ.

ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ހިތަދޫ ސްކޫލްގެ ޕްރައިޒް ޑޭ ޝަރަފުވެރިކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.