Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ރުފިޔާ އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ ދީފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމަށް އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ހުއްދަ ދީފި އެވެ.

ޑޮލަރާ ނުލައި ދެ ގައުމުގެ ފައިސާ އިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖެ އާއި އިންޑިއާ ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

އިންޑިއާގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ މަރުކަޒީ ބޭންކުން މިހާރު ވަނީ ދެ ގައުމުގެ ފައިސާ އިން މުއާމަލާތް ހިންގުމުގެ ހުއްދަ ދީފަ އެވެ. އެގޮތުން އޭޝިއަން ކްލިއަރިން ޔުނިއަން އޭސީޔޫ) މެކޭނިޒަމްގެ ދަށުން ދިން މި ހުއްދައާ އެކި ރާއްޖޭގެ ރުފިޔާ އިންޑިއާގައި ބޭނުން ކުރުމާއި އިންޑިއާގެ ރުޕީސް ރާއްޖޭގައި ބޭނުން ކުރެވޭނެ އެވެ

އިންޑިއާ އާއު ރާއްޖެއާ ދެމެދު ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް އަބަދު ވެސް ހިންގަ އެވެ. އެގޮތުން ރާއްޖެ އަށް ކާޑާއި ފިޔަ އާއި ބިހާއި އަލުވި ފަދަ ތަކެތި މައިގަނޑުކޮށް އެތެރެކުރާ ގައުމަކީ އިންޑިއާ އެވެ. އަނެއްކޮޅުން އިންޑިއާ އަކީ މިހާރު ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމަށްވާ އިރު، ދިވެހިން އާންމުކޮށް ބޭސް ފަރުވާ އަށް ދާ ގައުމަކީ ވެސް އިންޑިއާ އެވެ.

ގައުމުތަކުގެ މަރުކަޒީ ބޭންކްތަކާ ގުޅިގެން އެއް ގައުމުގެ ފައިސާ އަނެއް ގައުމުގެ ބޭނުން ކުރުމުގެ މެކޭނިޒަމްހެ ދަށުން އިންޑިއާގައި އެ ހުއްދަ ދީފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ސްރީ ލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، މިއަންމާ، އިރާން އަދި ބެލާރުސް ހިމެނެ އެވެ.