Last Updated: November 25, 12:45
Monday, November 25, 2024
ރިޕޯޓް

އަމާލް ކްލޫނީ އާ ބައްދަލުކުރަން ޕީޖީ ދެކޮޅު ހެދީ ކީއްވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުން ރާއްޖެ ވަޑައިގަތުން ވެގެން ދިޔައީ ކުރިން ހީކުރެވިފައި އޮތް ގޮތަށް ދިވެހިރާއްޖޭގެ ސަރުކާރަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.

ރާއްޖެ ވަޑައިގެންނެވި ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުން ބޭނުންފުޅުވީ ރައީސް ޔާމީނާއި ނައިބް ރައީސް އަދީބް އާއި ވެސް ބައްދަލުކުރުމަށެވެ. އެހެން ނަމަވެސް ސަރުކާރުން ނިންމީ، ސަރުކާރުގެ ފަރާތުން ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުންނާއި ބައްދަލުކުރާނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކަމަށެވެ.

ޤާނޫނުތަކާއި ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ހިއްސާކުރުމުން އެބޭފުޅާ ލަފާ ދެއްވީ، ޕްރޮސިކިއުޓާރ ޖެނެރަލް މުހްތާޒް މުހުސިން އާއި ބައްދަލު ކުރުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންއާ ބައްދަލުކުރުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ލަފާ ދެއްވުމާ ގުޅިގެން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އެ ކަމަށް އެދިވަޑައިގެންނެވި ނަމަވެސް އެބޭފުޅާ އާއި ބައްދަލުކުރެއްވުމަށް ޕީޖީ ވަނީ ދެކޮޅު ހައްދަވާފައެވެ.

އަމާލް ކްލޫނީ އާއި ބައްދަލު ނުކުރުމަށް ޕީޖީ ނިންމެވީ ކީއްވެގެންތޯ ބެލުމަށް ރާއްޖޭގެ ބައެއް މީޑިޔާތަކުން ޕީޖީ މުހުތާޒް ސުވާލު ކުރުމުން އެބޭފުޅާ ވަނީ ތަފާތު އުޒުރު ތަކެއް ދައްކަވާފައެވެ.

އެގޮތުން 'ސަން' އޮންލައިން އަށް ދިން އިންޓަވިއު އެއްގައި ޕީޖީ ވިދާޅުވެފައި ވަނީ، އަމާލް ކްލޫނީ އެދިވަޑައިގަތުމުން އޭނާއާ ބައްދަލު ނުކުރެވުނީ ވަގުތު ނެތުމުން ކަމަށެވެ.

ނަމަވެސް އޭގެ ކުރިން 'ހަވީރު' ނޫހުން ހަމަ އެސުވާލު ކުރުމުން މުހުތާޒް ވިދާޅުވެފައިވަނީ، ނަޝީދުގެ ވަކީލާ އަމާލް އަކީ ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ބޭފުޅަކަށް ނުވާއިރު ހިނގަމުންދާ މައްސަލައަކާ ގުޅިގެން އޭނާއާ ބައްދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަމާލް ކްލޫނީ އަށް ރާއްޖޭގައި ވަކާލާތު ނުކުރެވޭތީ އެބޭފުޅާ އާއި ބައްދަލު ނުކުރުމަށް ޕީޖީ ނިންމެވި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ޕީޖީ ވަނީ ސަރުކާރުގެ ދިފާޢުގައި މަސައްކަތް ކުރައްވާ ރާއްޖެއިން ބޭރުގެ ވަކީލަކާއި ބައްދަލުކޮށްފައެވެ. ޕީޖީގެ އޮފިޝަަލަކު ވަނީ މިކަން 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޕީޖީ ބައްދަލު ކުރައްވާފައިވަނީކުރީގެ ރައީސް މުހައްމަދު ނަޝީދު އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރަށް ޤާނޫނީ ލަފާދެއްވާ، އިނގިރޭސިވިލާތުގެ އޮމްނިއާ ސްޓްރެޓަޖީގެ އެއް ޕާޓްނަރު، ޓޯބީ ކެޑްމަން އާއެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އަމާލް ކްލޫނީ އާއި ބައްދަލު ނުކުރުމަށް ޕީޖީ ނިންމެވީ ސަރުކާރުގެ ފަރާތުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުންނެއެވެ. އެކަމަކު ޕީޖީ ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެބޭފުޅާގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ ކަމަށް ވިދާޅުވެފައި ވުމުން އެއީ އެހެން ސަބަބެއް ކަމުގައި ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ސަބަބަކީ ޤަބޫލުކުރަން ދަތި ނަމަވެސް، ޕީީޖީ މުހުތާޒާށް އިނގިރޭސި ބަސް ރަނގަޅަށް އެނގިވަޑައިނުގަތުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި އދ. އަށް ނިސްބަތްވާ ޓީމެއްގެ ބޭފުޅުންނާއި އެކު އޭޖީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެކަން ވަނީ ހާމަވެގެން ގޮސްފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބޭފުޅަކު ބުނި ގޮތުގައި އެ ބައްދަލުވުމުގައި، ރައީސް ނަޝީދުގެ މައްސަލައިގައި ބައެއް ކަންތައް ގޯސްކޮށް ކުރިއަށް ގެންދެވިފައިވާ ކަމަށް ޕީޖީ އަށް ވިދާޅުވެވުނު ކަމަށެވެ.

" ޕީޖީ އަސްލު ވިދާޅުވާން އުޅުނު އެއްޗެއް ނޫން ވިދާޅުވެވުނީ. އޮޅިގެން ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ބައެއް ކަންތައް ގޯސްކޮށް ކުރިއަށް ގެންދެވިފައިވާ ކަމަށް. ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވި ބައްދަލުވުމެއްގައި އެހެން ވިދާޅުވެވުނީ. " ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޮތަށް ޕީޖީ އަށް ވިދާޅުވެވުމުން އެ ވާހަކަ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވަނީ ވަގުތުން ރައީސް ޔާމީނަށް އަންގައިފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުގެ ބައެއް އިސްބޭފުޅުންގެ ނުރުހުން މުހުތާޒަށް އަމާޒުވެފައިވާ ކަމަށް ވެއެވެ.

ޕީޖީ ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ދިން އިންޓަވިއުއެއްގައި މުހުތާޒު ވަނީ އެބޭފުޅާގެ އިނގިރޭސި ބަހުގެ ފެންވަރު ދަށް ވެދާނެ ކަމަށް އަމިއްލަ އަށް އެއްބަސްވެ ވަޑައިގެންފައެވެ.

" އަޅުގަނޑުމެން އަތޮޅުތެރޭން ކިޔެވީމައި އެ ބޭފުޅުން އެ ގަބޫލުކުރައްވާ މިންވަރަށް އިނގިރޭސި ފެންވަރު ނުހުރެދާނެ. އެކަމަކު އަޅުގަނޑުމެންގެ މަސައްކަތު މާހައުލުން އެކަން ފެނުނަ ނުދޭނަން. " ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް 'ހަވީރު' އަށް ދިން އިންޓަވިއު އެއްގައި ޕީޖީ ވިދާޅުވެފައިވެއެވެ.

އިނގިރޭސި ފެންވަރު ދަށް ވިޔަސް މަސައްކަތުގެ މާހައުލުން އެކަން ފެނިގެން ދިޔަ ނުދޭނެ ކަމަށް ވިދާޅުވި ނަމަވެސް، ޕީޖީގެ މަސައްކަތުގެ މައިދާނުން އެކަން ރައްޔިތުންނަށް މިވަނީ ހާމަވެގެން ގޮސްފައެވެ.