ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި މަރިޔަމް ވިސާމް ޕްރައިވެޓް ކުންފުންޏެއްގެ ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ) ގެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
އެ ކުންފުންޏަކީ ފަސްޓް ނެޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން އެވެ. އެ ކުންފުނީގެ ބޯޑަށް ވިސާމް އައްޔަންކުރީ އާދިއްތަ ދުވަހު އެވެ.
ސީސީއޯއެއްގެ ހައިސިއްޔަތުން ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގައި ވިސާމް ކުރައްވާނީ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުން މަތީން ސްޓްރެޓެޖީތައް އެކުލަވާލައި، އެކަން ތަންފީޒު ކުރުމާއި އުފެއްދުންތެރިކަން ތަރައްގީކުރުމުގެ މަސައްކަތެވެ. އަދި ކުންފުނީގެ މާކެޓިން ޓީމުތައް މެނޭޖުކުރުމާއި ސްޓެރެޓެޖިކް ޕާޓްނާޝިޕްތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނީ އޭނަގެ ބެއްލެވުމުގެ ދަށުންނެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޮންޑާއި ސުކޫކު އަދި ސްޓޮކް އިޝޫ ކުރުމަށް ކުންފުނިތަކަށް އެހީވުމާއި ފަންޑު މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އެޑްވައިޒަރީއާއި ވެލްތު މެނޭޖްކުރުން ހިމެނެ އެވެ.
ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން ވިސާމް އިސްތިއުފާ ދެއްވީ މި މަހުގެ 1 ގަ އެވެ.