Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

އަޒްމިރަލްދާ ސަސްޕެންޑްކުރި މައްސަލަ އދ. އަށް

ޑރ. އަޒްމިރަލްދާ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑްކުރި މައްސަލަ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އދ.އަށް ހުށަހަޅުއްވައިފި އެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ އެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންގެންދާ އިޖުރާއަތުތަކާ ގުޅިގެން އދ.ގެ ސްޕެޝަލް ރެޕިއުޓާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި މައްސަލަ އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ސަރުކާރުން ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ސުއޫދު އެވެ.

ސުއޫދު އދ. އަށް ހުށަހެޅުއްވި މައްސަލައިގައި ބުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފި ނަމަ އެ ހުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށެވެ.