ސްޓެލްކޯ އިން ރާއްޖެއަށް ޓައިވާނުގެ މަޝްހޫރު ބެޓަރީ ސައިކަލް ބްރޭންޑެއް ތައާރަފުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ތައާރަފު ކުރަން ނިންމާފައި ވަނީ "ގްގޯރޯ" ބްރޭންޑްގެ ސައިކަލެވެ. މި ސައިކަލްގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެ އަށް މިހާރު ގެނެސްފައިވީ ނަމަވެސް އެއީ ކިތައް ސައިކަލް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވީ ދިވެހިންނަށް ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރަމުން އންނަ ކަމަށެވެ.
"އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ WeAreGogoro ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން،" އޭނަ ވިދާޅުވި އެވެ.
އެގޮތުން ތައާރަފުކުރާ ބެޓަރީ ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ އިރު، އެ ބެޓަރީ ބޭނުން ކުރެވޭ ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ފަހިވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
މާތްﷲ ގެ ވާގިފުޅާއެކު، ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ @MMuizzu ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި… pic.twitter.com/z7m9DS2mqh
— Hussain Fahmy (@HussainFahmy09) March 18, 2025
"އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެށްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން." އޭނަ ވިދާޅުވި އެވެ. "މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލު ކުރަން."