Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަށް ޒިޔާރަތް ކުރައްވައި، ޓާމިނަލު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

ވީއައިއޭ އަށް ރައީސް ވަޑައިގެންނެވުމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ، އައު ޓާމިނަލުގައި ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަޞީލަތްތަކާއި ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު ރައީސަށް ދެއްވާފަ އެވެ.

މި ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެކެވެ. މިއީ އެއާޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ.

ރައީސްގެ މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.