Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ގާޒާއަށް ދެމުންދާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން އަލުން މި ފެށީ ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ ޖެނުއަރީގައި އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު އެއްބަސްވުމަކަށް އައިސްފައިވަނިކޮށެވެ.

ނަމަވެސް އެ އެއްބަސްވުމާ ހިލާފުވެ، އެއްވެސް އިންޒާރެއް ވެސް ކުރިން ދިނުމެއް ނެތި ގާޒާގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ވަނީ ރޭ ވައިގެ ހަމަލާތައް ދޭން ފަށައިފަ އެވެ. މި ހަމަލާތަކުގަައި 400 އަށް ވުރެ ގިނަ މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް ތުއްތު ކުދިން ހިމެނޭހެން 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މާތްވެގެންވާ ރަމަޟާން މަހުގައި ދިން އެ ހަމަލާއަކީ ސުލްހައިގެ އެއްބަސްވުމާއި ބައިނަލްއަގްވާނީ އިންސާނީ ހައްގުތަކާއި އިންސާނީ ޤާނުނުތަކާއި މުޅިން ހިލާފުކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ވަނީ އިތުރު ހަމަނުޖެހުމަކަށް ދިޔުމަށް ފުރުސަތު ނުދީ އަދި ކުށެއް ނެތް އާންމުންނަށް ރައްކާތެރިކަން ލިބޭނެކަން ކަށަވަރުކުރަން ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލާފަ އެވެ. އަދި އިޒްރޭލުގެ އަމަލުތަކަށް އެގައުމު ޖަވާބުދާރީކުރުވަން ވެސް ވަނީ ގޮވާލާފަ އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.