Last Updated: April 21, 09:53
Monday, April 21, 2025
ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރަން އަންގައިފި

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އެ ގާނޫނުގެ ދަށުން މާލޭގައި ނަމަ، އެ އޮތޯރިޓީގައި އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

"ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހިންގުމަކީ މަނާކަމެއް. ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހަނދުމަކޮށް އަރުވަމެވެ،" އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.

ކާބޯތަކެތީގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާ ޚިލާފުވާ ތަންތަން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚުތިޔާރު ވެސް ގާނޫނުން އެމްއެފްޑީއޭ އަށް ލިބި ދެ އެވެ.