ރ. އަތޮޅު ތައުުލީމީ މަރުކަޒުގެ މުދައްރިސުންގެ ޓީމެއް ހިރާ ސްކޫލަށް ތަޖުރިބާ ދަތުރެއްކޮށްފި އެވެ.
ހިރާ ސްކޫލްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް އެ ސްކޫލުން ކުރި ދަތުރަކީ މިއަހަރު އަލަށް ފަށާފައިވާ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 1 އަށް އެ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންގެ ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކުރި ދަތުރެކެވެ.
މި ތަޖުރިބާ ދަތުރުގައި ރ.އަތޮޅު ތައުލީމީ މަރުކަޒުގެ 14 ޓީޗަރަކު ވަނީ ބައިވެރިވެފައެވެ.
ރ.އަތޮޅު ސްކޫލްގެ ޓީޗަރަކު 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވިގޮތުގައި އާ މަންހަޖާއި ގުޅޭ ގޮތުން މުދައްރިސުންގެ ތަޖުރިބާ އިތުރުކުރުމަށް ހިރާ ސްކޫލަށް ޒިޔާރަތް ކުރަން ނިންމީ އެފަދަ ތަޖުރިބާ އެއް ހޯދުމަށް އެންމެ ރަނގަޅު ސްކޫލަކީ ހިރާ ސްކޫލް ކަމަށް އެ ސްކޫލަށް ފެންނާތީ ކަމަށެވެ.
ހިރާ ސްކޫލަށް ކުރި ތަޖުރިބާ ދަތުރުގައި ޓީޗަރުން ކުލާސްތަކުގައި ކިޔަވައި ދޭ ގޮތް ބަލައި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވެސް ގިނަ މައުލޫމާތުތަކެއް ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ވަނީ ހޯދައިފަ އެވެ.
އަދި މީގެ އިތުރުން އެ ސްކޫލްގެ މުދައްރިސުން ފިލާވަޅުތައް ތައްޔާރު ކުރާ ގޮތާއި ކްލާސް ކުރިއަށް ގެންދާ ގޮތް ވެސް ވަރަށް ބޮޑަށް ބަލައި ތަޖުރިބާކޮށްފައިވެ އެެވެ.