Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

އިޒްރޭލުގެ ހަމަލާތައް ރާއްޖެ ކުށްވެރިކޮށްފި

އިސްރާއީލުން މެދުކެނޑުމަކަށް ފަހު އަނެއްކާ ވެސް ފަލަސްތީނުގެ ޣައްޒާ އަށް ދީ އެތައް ބަޔަކު ޝަހީދުކުރަމުންދާތީ އެ ހަމަލާތައް ކުށްވެރިކޮށް، އިސްރާއީލާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފެށި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ބޮލާލައި ޖަހާފައި، އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރު ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 400 އަށް ވުރެގިނަ އެވެ. އަދި މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރޭލުގެ ލާއިންސާނީ އުދުވާނުތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނރެއްގައި ބުނީ، އިޒްރޭލުގެ މި ހަމަލާތަކަކީ ސުލްހައިގެ އެއްބަސްވުމުގެ އިތުރުން އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފަށް ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ.

"އިޒްރޭލުން ކުރިއަށް ގެންދާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުން ތަކުރާރުކުރަން." ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މައްސަލަ އަށް ދާއިމީ އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ.

އެއްބަސްވުން ބޮލާލައި ޖަހާފައި އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ހަމަލާތައް ދޭން ފެށީ، ހަމާސްގެ ބެލުމުގައި ދަށުގައި ތިބި އަސީރުން މިނިވަންކުރަން މަޖުބޫރު ކުރުވުމަށެވެ. އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރަން އެއްބަސްވި އަސީރުން ހަމާސްއިން މިނިވަންކޮށްފައިވެ އެވެ. ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، ޣައްޒާގެ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ވެސް ދެވަނަ ފިޔަވަހީގައި ހިމެނޭތީ، އެ ފިޔަވަހީގެ މަޝްވަރާތައް ކުރަން ވެސް އިޒްރޭލުން ދެކޮޅު ހަދާފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ އޮކްޓޯބަރު 7، 2023 އިން ފެށިގެންނެވެ. އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަމަލާތައް މެދުކަނޑާލުމާ ހަމައަށް ފަލަސްތީނުގެ 48،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.