Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ދިރާސީ އަހަރު ފަށާ އިރު ޓީޗަރުން ހަމަވާނެ

އަންނަ މަހު ދިރާސީ އާ އަހަރު ފަށާ އިރު، ހުރިހާ ސްކޫލްތަކެއްގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝިފާޒް މުހަމަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ހުރިހާ ސްކޫލަކަށް ޓީޗަރުންނާއި ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ވެސް ހަމަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވޯކް ފޯސްގައި މިދިޔަ ދިރާސީ އަހަރު ނިމުނުއިރުގައި ޓީޗަރުން ހަމަވެފައި ތިބުމާއެކު އިރާދަކުރެއްވިޔާ މި އަހަރުގެ އެކަޑަމިކް އިޔާ ފެއްޓިގެންދާ އިރު ހުރިހާ ޓިޗަރުން ހަމަވެގެން ސްކޫލްތައް ފެއްޓިގެން ދާނީ." އޭނަ ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ވެސް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ގްރޭޑް 4 އާއި 5 ގެ ފޮތްތައް ޙަވާލުކުރުމަށް ކުޑަ ލަސްކަމެއް އައި ކަމަށް ވިދާޅުވި އެވެ. އެއީ އެ ދެގްރޭޑުގެ މަންހަޖަށް އައި ބަދަލާއި ގުޅިގެން ފޮތްތައް ޕްރިންޓު ކުރުމަށް ލަސްކަމެއްގެ އައުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

އެކަމަކު މިހާރު އެފޮތްތައް ވެސް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ އިރު، ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ދަރިވަރުންނަށްވެސް ފޮތްތައް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް، ކިޔެވުން ފެށެންވާއިރަށް ހުރިހާ ކުދިންނަށްވެސް ފޮތްތައް ލިބިގެން ދާނެ. އަޅުގަނޑުމެން އެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބެލެނިވެރިންނާ ދަރިވަރުންނަށް ދެން." މުފީދު ވިދާޅުވި އެވެ.

މި ވަގުތު ސަރުކާރުގެ ސްކޫލްތަކުގައި 12،000 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2،000 އަށް ވުރެ ގިނަ ޓީޗަރުންނަކީ ބިދޭސީންނެވެ.

ޝިފާޒް ވިދާޅުވީ އަބަދުވެސް ދިވެހި ޓީޗަރުން އިސްކަންދޭ ކަމަށާއި ދިވެހި ޓީޗަރުން އުފެއްދުމުގެ ގައުމީ ޕްރޮގްރާމެއް ވެސް މިދިޔަ އަހަރު ފަށާފައިވާ ކަމަށެވެ.

މި އަހަރުގެ ދިރާސީ އަހަރު ފަށާނީ އަންނަ މަހުގެ 6 ގަ އެވެ.