ރައީސް ޔާމީން 2018 ކެމްޕޭނުގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރުމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ކުރިޔަށް ގެންދާ މަހާސިންތާގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ އިން 46 ފަރާތެއް ބައިވެރިވާ ކަމަށް، މަހާސިންތާގައި ސ.ފޭދޫ އިން ބައިވެރިވާ އީނާ ނަސީރު ވިދާޅުވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އީނާ ވިދާޅުވި ގޮތުގައި، މަހާސިންތާގައި ފޭދޫ ދާއިރާއަށް ނިސްބަތްވާ 14 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
ރޭ ރަސްމީކޮށް ފެށި މި މަހާސިންތާގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ކެމްޕެއިން ކުރުމާއި ބެހޭ ސެޝަންތަކެއް ކަމަށާއި އެހެން ނަމަވެސް މިއަދު މެންދުރު ފަހު ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އީނާ ވިދާޅުވިއެވެ.
އީނާ ވިދާޅުވި ގޮތުގައި އެ ޕެނަލް ޑިސްކަޝަންތަކުގައި ސަރުކާރުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ކުރިޔަށް ގެންދާ މަހާސިންތާގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ ހިތަދޫ އިން ބައިވެރިވި ޓީމުގައި އިސްކޮށް ހަރަކާތްތެރި ވަނީ، ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ޙަސަން ދީދީ އާއި އެމްއާރްޑީސީ ހިތަދޫ ސައިޓް މެނޭޖަރު އެޑްމިނިސްޓްރޭޝަން، އިބްރާހީމް ރަޝީދު ވަޖުދީއެވެ.
ހުޅުމީދޫ އިން މަހާސިންތާގައި ބައިވެރިވި ޓީމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުޙައްމަދު (އައްދު) އެވެ.