ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހުސެއިން ޝަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭނަ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓްގައި ބައިވެރިވެވަޑައިގަތް 64 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ.
އެ ކޯޓަށް ޝަހީދު އައްޔަން ފާސްކުރީ ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަހީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި އިރު، އޭނަ ހުންނެވީ ހައި ކޯޓްގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ. އިސްފަނޑިޔާރަކަށް އޭނަ އައްޔަން ކުރީ އޮކްޓޯރު 30، 2023 ގަ އެވެ. އޭގެ ކުރިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ ނޮވެންބަރު 18، 2022 ގަ އެވެ.
އޭނަ އަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަހީދު ކުރިން އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީގެ މަގާމު ވެސް އަދާކުރެއްވި އެވެ.