ތިނެއް ނޮވެމްބަރުގައި ޝަހީދުވި މީހުންގެ އާއިލާތަކުގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާ ދިނުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ "ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު" ގެޒެޓުކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުން މާލީ އިނާޔަތް ހައްގުވާ ދެ ފަރާތަކަށެވެ. އެއީ 3 ނޮވެންބަރު 1988 ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކާއި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކެވެ.
ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ހިދުމަތް ފާހަގަކޮށް އިނާޔަތް ދޭނީ އެ ޝަހީދުންގެ އާއިލާތަކަށް ކަމަށް އުސޫލުގައިވަނީ ބަޔާންކޮށްފަ އެވެ. ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ، މައިންބަފައިންނާއި އުފަންދަރީންނާއި ހުވަފަތްވި އަނބިމީހާ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް (މަންމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާ) އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9,000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހަނގުރާމަ ކާމިޔާބުވުމަށް މަގުފަހިކޮށްދިންކަން ފާހަގަކޮށް، ހުރަވީ ރަން މެޑެލި ދީފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށް 9،000 ރުފިޔާ ދޭންވާނެ އެވެ.
އަދި ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި އަމިއްލަ ހަށިގަނޑަށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހުރަވީ ރިހި މެޑެލި ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު ކޮންމެ މަހަކު 8،000 ރުފިޔާ ދޭންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން ތިނެއް ނޮވެންބަރުގެ ހަނގުރާމައިގައި ދައްކުވައިދިން ހިތްވަރުގަދަ އަމަލު ފާހަގަކޮށް، ހިތްވަރުގަދަކަމުގެ ކުލަ ދެވިފައިވާ ފަރާތްތަކަށް، އެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ލިބިދޭން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާޔަތް ދެވޭނީ އެ ފަރާތެއް ދުނިޔޭގައި ދެމިހުރި ދުވަސްތަކުގައެވެ. އެ އިނާޔަތް ލިބެމުންދާ ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެ ކަމަށާއި އެ އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެ ނަމަ، އެކަން އެއް މަސްދުވަހުގެ ތެރޭގައި ޑިފެންސް މިނިސްޓްރީއަށް އަންގަންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.