ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މަދަނީ ދަޢުވާއެއް އުފުލައިފި އެވެ.
މިކަން ހިއްސާކޮށްފައި ވަނީ ކޯޓުގައި ފަސްޓްލޭޑީ ތަމްސީލު ކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
— AzimaShakoor (@aminadhis) March 19, 2025
އަދި އެ ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ދަރިކަލުންގެ ކިބައިން ނަގާލާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
އެހެންވެ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ ދަރިކަލުންގެ މަންމަ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން މަންދީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށް ބަޔާނުގައި ބުންޏެވެ.