އަންނަ މެއި މަހުން ފެށިގެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި މިއަދާ ހަމައަށް މާލެ ސަރަހައްދުގައި 65،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ކުރީ ސަރުކާރުގައި އެއްކޮށްފައިވަނީ 40 ހާސް ބިދޭސީންގެ މައުލޫމާތު ކަމަށެވެ. އަދި ބިދޭސީންގެ މައްސަލަ އެހާ ބޮޑަށް ބޮއްސުންލައިގެން ދިޔައީ މީގެ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައި ނެތުމުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކުރަނގި އޮޕަރޭޝަން ނިމުމުން ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިތައް ފިލައިދާނެ ކަމަށާއި މިއަދާ ހަމަޔަށް މައުލޫމާތު ނުދޭ ފަރާތްތައް އަންނަ އޭޕްރީލްގެ 30 ގެ ކުރިން ފޮރިން ލޭބާ ޑިޕާޓްމެންޓާ ހިއްސާކުރަން ވަނީ އެދިފަ އެވެ.
އެ ތާރީހަށް ފަހު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ޑިޕޯޓްކޮށްލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.