Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ފަހު 10؛ އަޅުކަމުގައި އިތުރަށް ހީވާގިވެލަމާ!

ބަރަކާތުން ފުރިގެން ވާ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން މިހާރު މި ގުނަމުން ދަނީ ފަހު 10 ގެ ރޭތަކާއި ދުވަސްތަކެވެ. އެކަމަކު މިއީ ރަމަޟާން މަސް ދެން ނިމުނީއޭ ހިތާ ފަރުވާކުޑަކޮށްލަންވީ ދުވަސްކޮޅެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ހިތްވަރު ގަދަކޮށް އަޅުކަމުގައި އިތުރަށް ހީވާގި ވާންވީ ދުވަސްކޮޅެކެވެ.

ސަބަބުތައް ނުހަނު ގިނަ އެވެ. އެ ރެއެއްގެ ހެޔޮކަން 1،000 މަހަށް ވުރެ ގިނަ ޤަދްރި ވިލޭރޭ މި ދުވަސްތަކުގައިވާތީ އެވެ.

އެއްހާސް މަހަކީ 83 އަހަރަށްވުރެ ދިގު މުއްދަތެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން، ޢުމުރުން 83 އަހަރު ވަންދެން ދުނިޔޭގައި ހުރުމަކީ ދުރު ކަމެކެވެ. އެހެން ނަމަވެސް ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅު ތަނަވަސްވެގެން ވެއެވެ. އެކަލާނގެ އެވަނީ އެންމެ ރެއަކުން 83 އަހަރަށް ވުރެ ގިނަ ދުވަހު ހެޔޮ ޢަމަލުތައް ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެކަން އަންގަވާފަ އެވެ. ފޯރި އާއި ޖޯޝާ އެކު އަޅުކަން ނުކުރަންވީ ސަބަބެއް ނެތެއް ނޫންތޯ އެވެ؟

ރަސޫލުﷲ صلى الله عليه وسلم ފަހުދިހައެއް އައުމުން އަޅުކަމުގައި އިތުރައް ހީވާގިވެލައްވައެވެ. ޢާއިޝާ(ރަޟިޔަﷲ ޢަންހާ)ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ” (ޞަޙީޙުލް ބުޚާރީއާއި މުސްލިމް)

މާނައީ:”(ރަމަޟާން މަހުގެ) ފަހު ދިހައެއް އަންނަ ހިނދު، ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ އިޒާރުކޮޅު ބަނދެލައްވަ އެވެ. (އަނބިއަނބިކަނބަލުންނާ ދުރުހެލިވެވަޑައިގެން އަޅުކަމުހައި އިތުރަށް ހީވާގިވެލައްވައެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވަ އެވެ. (މުޅިރޭ އަޅުކަމުގައި ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުވެރިން (ރޭއަޅުކަން ކުރެއްވުމަށް) އަވަހާރަފުޅުން ނަންގަވަ އެވެ.”

އަދިވެސް ހަމަ އެކަމަނާގެ އަރިހުން ރިވާވެގެންވެ އެވެ. އެކަމަނާ ވިދާޅުވިއެވެ. “كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ” (ޞަޙީޙް މުސްލިމް)

މާނައީ: ”ރަސޫލުﷲ صلى الله عليه وسلم އެހެން ވަޤުތެއްގައި އަޅުކަމުގައި މަސައްކަތް ނުކުރައްވާހާ ގިނައިން ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަލޭގެފާނު މަސައްކަތް ކުރައްވައެވެ.”

އެކަލޭގެފާނުގެ މަތިވެރި ދިރިއުޅުއްވުމުން ނަމޫނާ ލިބިގަނެ ފަހު ދިހައެއްގައި އިތުރަށް އަޅުކަމުގައި ހީވާގިވެ ލައިލަތުލް ޤަދްރި ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެންވަމާ ހިނގާށެވެ. މާތް ﷲ އަޅަމެންނަށް ތައުފީޤު ދެއްވާށި އެވެ.

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.