Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އައްޑޫގެ ސޯލާ ޕްރޮޖެކްޓެއް ބާރަށް ކުރިއަށް

"އެސްޕަޔާ" ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި ގާއިމްކުރާ ސޯލާ ޕްރޮޖެކްޓްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މި މަޝްރޫއުގެ ދަށުން، ހިތަދޫ ސްޓޭޑިއަމް، ފޭދޫ ބަނދަރު އަދި މަރަދޫފޭދޫ ބަނދަރުގައި ދެ މެގަވޮޓްގެ ގްރައުންޑް މައުންޓެޑް ސޯލަރ ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ސަރަހައްދުތަކުގައި ސޯލާ ޕެނަލްތައް މިހާރު ބަހައްޓާފައިވާ އިރު، ޕީވީ މޮޑިއުލްތައް ގުޅުވައިދޭ ޑީސީ އާއި އެލްވީ ކޭބަލް ހަރުކުރުމުގެ މަސައްކަތް ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ކުރިއަށްދާ ކަމަށް ކައުންސިލުން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން އަހަރަކު 2،920،000 ޔުނިޓްގެ ސާފު ހަކަތަ އުފައްދާ އިރު، ކޮންމެ އަހަރަކު 811،111 ލީޓަރުގެ ތެޔޮ ބޭނުން ކުރުން މަދުވެގެން ދާނެ އެވެ.

"އެސްޕަޔާ" ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓެއްގައި ފެނަކައާ އެކީ ސޮއިކޮށްފައިވެ އެވެ.

އައްޑޫގައި 10 މެގަވޮޓް ފްލޯޓިން ސޯލާ ޕީވީ ނިޒާމު ޤާއިމުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެ މަޝްރޫ ހިންގަން މިދި އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާފައި އިރު، އޭގެ އަމަލީ މަސައްކަތް ފަށާނީ އަންނަ އަހަރު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެކްސަލަރޭޓިން ރިނިއުވަބަލް އެނަޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ، އެރައިސް ޕްރޮޖެކްޓްއިން ހިންގާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓުގެ ދަށުން މަރަދޫ ބަނދަރާއި ހުޅުމީދޫ ސެންޓްރަލް ހާބަރުގައި ދެ މެގަވޮޓް ސޯލާ ޕީވީ ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ހިތަދޫ ޕޯޓް އޭރިއާގައި ވެސް 8 މެގަވޮޓް ސޯލާ ޕީވީ ގާއިމް ކުރާނެ އެވެ

ދިހަ މެގަވޮޓްގެ ފްލޯޓިން ސޯލާ ނިޒާމު ޤާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމްލަކޮށް ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.