ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލު ކުރުމާ ގުޅޭ މަސައްކަތްތައް ފަށައިފި އެވެ.
ލޯކަލް މިނިސްޓްރީން ބުނީ ހއ އާއި ހދ އަދި ށ އަތޮޅުގައި ޤާއިމުކޮށްފައިވާ ރެވިފައިވާ ފެރީ ޓާމިނަލްތައް ކައުންސިލްތަކާއި ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެތޮތުން ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެރީ ޓާމިނަލްތަކާއި، ފެރީ ސްޕޮޓްތައް ރަށު ކައުންސިލްތަކާއި، ޙަވާލުކުރުމަށް މިނިސްޓްރީ އާއި، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާއާ ބެހޭ މަޢުލޫމާތު އިއްޔެ މެންދުރު އޮންލައިންކޮށްމިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހިއްސާކޮށްފައިވެ އެވެ.
އެ ބައްދަލުވުމުގައި އާރްޓީއެލް ޒޯން 1 ގައި ހިމެނޭ ހއ އާއި ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން އެ މިނިސްޓްރީގެ ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މުޙައްމަދު މާހިރާއި، ޕްލޭނިން ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު މޫސާ ފަތުޙީގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، ޕާމަނަންޓް ސެކްރެޓަރި ޑރ. ފާޠިމަތު މުނާ ބައިވެރިވެވަޑައިގެންނެވި އެވެ.
އާރްޓީއެލް ފެރީ ޓާމިނަލްތައް ޓްރާންސްޕޯޓް މިނިސްޓްރީން ލޯކަލް މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ މަހުގެ 26 ގަ އެވެ.
ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖެނުއަރީ މަހު ހއ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.