ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ޖަލްސާތަކުގައި ދައްކަވާ ވާހަކަތައް ވަގުތީ ގޮތުން ލައިވްކޮށް ބްރޯޑްކާސްޓް ކުރުން މަޖިލީހުގެ ރައީސް ޑރ. ޖަގަތު ވިކްރަމަރަތިނޭ މަނާކުރައްވައިފި އެވެ.
ލައިވް ނުކުރަން ނިންމީ ޖަފްނާ ޑިސްކްރިޓް މެންބަރު ރަމަަނަތަން އަރްޗްނާ މަޖިލީހުގެ ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކެވެ. އެގޮތުން އޭނަ ބޭއަދަބީކޮށް ވާހަކަތައް ދެއްކެވުމާއި ހުށަހަޅާ މައްސަލަތަކާ ނުގުޅޭ ވާހަކަތައް ދެއްކެވުމާއި މަޖިލީހުގެ އިތްޒަތަކާއި ކަރާމާތް ގެއްލޭ ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެކަމަކާ ގުޅިގެން މެންބަރަށް ތަކުރާރުކޮށް އިންޒާރު ދެއްވި ނަމަވެސް އެކަން އިސްލާހު ކުރައްވާފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެހެންވެ މިއަދުން ފެށިގެން ޖަފްނާ ޑިސްޓްރިކްޓްގެ މެންބަރު މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތައް ލައިވެއް ނުކުރާނެ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެ ނިންމުން ބަދަލު ކުރާނީ މެންބަރުގެ ސުލޫކަށް އިސްލާހީ ބަދަލުތަކެއް ގެނައި އިރަކުން ކަމަށެވެ.
އުމުރުން 38 އަހަރުގެ އަރްޗުނާ އަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ މެންބަރެކެވެ. މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އަރްޗުނާ ގާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގަތީ މިދިޔަ އަހަރު އެވެ.