އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ޓީމްތަކުގެ ތެރޭގައި ހިމެނޭ މުމްބާއީ އިންޑިއަންސްގެ މި އަހަރުގެ ޓޫރިސްޓް ޑެސްޓިޝޭނަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
އެ ޓީމްގެ ރަސްމީ ޓޫރިސްޓް ޑެސްޑިނޭޝަނަށް ހަމަޖެހިގެން އިރު، މުމްބާއީ އިންޑިއަންސްގައި ހިމެނޭ މަޝްހޫރު ކްރިކެޓް ތަރި ރޯހިތު ޝަރުމާ ރާއްޖޭގައި ދާދި ފަހުން ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީ އާއި މުމްބާއީ އިންޑިއަންސް އިން ޕާޓްނަޝިޕެއް ހެދި އިރު، އައިޕީއެލްގެ 18 ވަނަ މުބާރާތް ފަށަން އަންނަނީ ތައްޔާރީތައްވަމުންނެވެ. ޖުމްލަ 10 ޓީމު ވާދަކުރާ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 22 އިން މެއި 25 އާ ހަމައަށެވެ.
އައިޕީއެލްގައި ވާދަކުރާ ޓީމްތަކަކީ މުމްބާއީ އިންޑިއަންސް، ކޮލްކަތާ ނައިޓްރައިޑާސް (ކޭކޭއާރް)، ޗެންނައި ސުޕަ ކިންގްސް، ރާޖަސްތާން ރޯޔަލްސް، ޕަންޖާބް ކިންގްސް، ސަންރައިޒާސް ހައިދަރުއާބާދު، ގުޖްރާތު ޓައިޓަންސް، ދިއްލީ ކެޕިޓަލްސް އަދި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ.
މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ރިލަޔަންސް އިންޑަސްޓްރީގެ ޓީމެކެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ކްރިކެޓަކީ ދެ ވަނައަށް އެންމެ ގިނަ މީހުން ބަލާ ކުޅިވަރަށް ވެފައި، އައިޕީއެލްއާ ދިމާކޮށް މުމްބާއީ އިންޑިއަންސްއާ އެކު ހެދި ޕާޓްނާޝިޕާ އެކު އިންޑިއާ އާއި ބައިނަލްއަގުވާމީ ދަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ.
އެގޮތުން ޕާޓްނާޝިޕާ އެކު އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވި، އެ ގައުމުން މި އަހަރު މަދުވެގެން 200،00 ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރަން މަގުފަހިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި 2023 ގައިޮ ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އައީ ވެސް އިންޑިއާއިންނެވެ.
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މި ފަހުން އަންނަނީ ގިނަ ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ.