ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްޤީ ކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތަޢާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެ އެވެ.
މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ރައީސް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، ފާހަގަކޮށްލެވޭ ހެއު ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައްވެސް ބައްލަވާލެއްވި އެވެ. އެގޮތުން ގެނެވިފައިވާ ހެއު ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދަ އެވެ. އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފަ އެވެ. ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، 1 ދުވަހުން 1 ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، 3 ދުވަހުން، 5 ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.
މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފަ އެވެ. މީގެއިތުރުން ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްޤީކޮށްފަ އެވެ.