މީގެ 10 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓް 'އެމްއެޗް370' ހޯދަން އާ އޮޕަރޭޝަނެއް ކުރިއަށް ގެންދަން އެ ގައުމުގެ ކެބިނެޓުން ރުހުން ދީފި އެވެ.
އަލުން އޮޕަރޭޝަނެއް ފަށަން ނިންމިކަން މެލޭޝިއާ އިން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޓްރާންޕޯޓް މިނިސްޓަރު ލޯކީ ސިއު ފޫކް ވިދާޅުވީ 2014 ގައި 239 މީހުންނާ އެކު ގެއްލުނު ބޮއިން777 މަރުކާގެ ބޯޓް ހޯދުމުގެ އާ މިޝަން ކުރިއަށް ގެންދާނީ ކުރިން ވެސް ބޯޓް ހޯދުމުގެ ނާކާމިޔާބު މިޝަނެއް ކުރިއަށް ގެންދިޔަ އެމެރިކާގެ މެރިން އެކްސްޕްލޮރޭޝަން ކުންފުނި، "އޯޝަން އޮންފިނިޓީ" އިން ކަމަށެވެ.
މި ސާޗިން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމީ "ނޯ ފައިންޑް ނޯ ފީ" އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އެކަމަށް މެލޭޝިއާ އިން އެއްވެސް ފީއެއް ދައްކާނީ "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ބޯޓް ފެނިއްޖެ ނަމަ އެވެ. އެގޮތުން ބޯޓް ހޯދިއްޖެ ނަމަ ކުންފުންޏަށް 70 މިލިއަން ޑޮލަރުގެ ފީއެއް ދޭނެ އެވެ.
މި ފަހަރުގެ މިޝަންގެ ތެރޭގައި އިންޑިއާ އިންޑިއާ ކަނޑުގެ 15،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލާނެ އެވެ.
މި މަސައްކަތް "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ކުރިން ކުރިއަށް ގެންދިޔައީ 2018 ގަ އެވެ. އެ ފަހަރު ކުރިއަށް ގެންދިޔަ މިޝަން ނާކާމިޔާބުވެ މަސައްކަތް ހުއްޓައިލީ މިޝަން ފެށިތާ ތިން މަސް ފަހުންނެވެ.
ގިނަ އާއިލާތަކެއްގެ ޖަޒުބާތާ ވަރަށް ބޮޑަށް ގުޅިފައިވާ 'އެމްއެމްއެޗް370' ހޯދަން 2017 އާ ހަމައަށް ދެ އަހަރުގެ މިޝަނެއް މެލޭޝިއާ އިން އެކި ގައުމުތަކާ ގުޅިގެން ކޮށްފައިވެ އެވެ. އަދި އެކަމަށް 150 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ.
"އެމްއެޗް370" ގެ ހާދިސާ ބޮޑު އަރަތެއްގެ ގޮތުގައި އޮތް އިރު، އެ ބޯޓް ގެއްލުމާ ގުޅޭ ގޮތުން ތަފާތު އެތަކެއް ތިއަރީތަކެއް މިހާތަނަށް އެކި ފަރާތްތަކުން ނެރެފައިވެ އެވެ.