ސްޓެލްކޯއަށް މިދިޔަ އަހަރު 138 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ މިއަދު ވަނީ މިދިޔަ ހަތް އަހަރު އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު އެ ކުންފުންޏަށް 172 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
ނަމަވެސް މިދިޔަ އަހަރު އެ ގެއްލުމުން އަރައިގަނެ، 138 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ހޯދައިފަ އެވެ. މިއީ މިދިޔަ ހަ އަހަރު ތެރޭ އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ސްޓެލްކޯގެ ތަފާސް ހިސާބުތައް:
2018 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
2019 ވަނަ އަހަރު: 109 މިލިއަން ރުފިޔާ
2020 ވަނަ އަހަރު: 130 މިލިއަން ރުފިޔާ
2021 ވަނަ އަހަރު: 105 މިލިއަން ރުފިޔާ
2022 ވަނަ އަހަރު: 107 މިލިއަން ރުފިޔާ
ފަހުމީ ވަނީ ގެއްލުމުން އަރައިގަނެ މިދިޔަ އަހަރު ކުންފުނިން ފައިދާ ހޯދީ ވަސީލަތްތައް ހަރުދަނާގޮތުގައި ބޭނުންކުރުމާއި އިސްރާފު ކުޑަކުރުން އަދި ހިންގުމުގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.