މިދިޔަ އަހަރު ރާއްޖެއިން ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓީބީ ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އަދި އެ އަހަރު ދުނިޔެއިން 10.8 މިލިއަން މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.
"ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 އަހަރު ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވެއެވެ،" އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޓީބީ އަކީ "މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް" ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ޖެހެނީ ފުއްޕާމެއަށެވެ. ނަމަވެސް ހަށިގަނޑުގެ އެހެނިހެން ހިސާބުތަކަށް ވެސް އޭގެ އަސަރުކުރެ އެވެ. ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓޞީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ.