Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މިއީ ބަރަކާތްތެރި ދުވަސްތަކެއް، ހެޔޮ އަމަލުކުރުމުގައި ދެމިތިބޭ

މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ލައިލަތުލްޤަދްރި"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދުރި ކަމަށާއި އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާ ކަމަށެވެ. މި މަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި ޢުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ޙާޞިލުކުރެވިދާނެ ރޭކަން ހުތުބާގައި ވަނީ ބުނެފަ އެވެ.

ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު ޢުމުރު ދެއްވި ކަމަށާއި މި އުންމަތުގެ މީހުންގެ ޢުމުރު ކުރުކަމުގައި ވިޔަސް މި ކުރު ޢުމުރުގައި ކުރާ ހެޔޮ ޢަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނެ އެވެ.

"މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބޭށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުން، އިޢުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް ﷲއަށް އަޅުކަންކުރުމާއި ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރާންވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަންދީ، މިސްކިތުގެ ޙުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނީ މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަން ކަމަށާއި އެއީ މާތް ﷲގެ ގެކޮޅުތައްކަން އަބަދުވެސް ހަނދާންކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެއިތުރުން މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރާން އަމުރުކުރައްވައިފައިވާ އަޅުކަމަކީ ފިތުރު ޒަކާތް ދެއްކުންކަން ފާހަގަކޮށް، ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ކުދީންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސް ވާން ޚުތުބާގައި ވަނީ ގޮވައިލާފަ އެވެ.