Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މާލޭގައި ކުލަ ގަދަކޮށް ކުޑަޢީދު ފާހަގަކުރަނީ

މާލެ ސިޓީގައި މި އަހަރު ވެސް ކުޑަ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި އަހަރުގެ ކުޑަ ޢީދުގެ ކުޅިވަރުތައް "ސާދަ އެންޓަޓައިމަންޓް" އާ ގުޅިގެން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ، ކުޑަ ޢީދުގެ ހަރަކާތްތައް ހޯސްޓް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކުޑަ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ، ޢީދު ދުވަހުގެ ހަވީރު 4:00 ގައި ބޮޑު މަހުގެ ކުޅިވަރުތަކުން ކަމަށެވެ. ރަސްފަނުން ފެށުމަށް ހަމަޖެހިފައިވާ މި ކުޅިވަރު، މަޖީދީ މަގުން ގޮސް ނިންމާނީ އާޓީފިޝަލް ބީޗަށެވެ.

ޢީދުގެ ފުރަތަމަ ދުވަހަށް ފަހު، ޢީދު ބަންދު ތިން ދުވަހު، އާޓިފިޝަލް ބީޗްގައި ވެސް "ސާދަ އެންޓަޓައިމަންޓުން" ސަގާފީ ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށާއި އެ ގޮތުން އެ ތިން ދުވަހުގެ ހަވީރާއި ރޭގަނޑު ވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މި ފެސްޓިވަލްގައި، ސަގާފީ ގޮތުން ކުޅެމުން އަންނަ ބައެއް ކުޅިވަރުތައް ކަމަށްވާ، ބަޑިއާ ޖެހުމާއި ތާރަޖެހުން އަދި ބޮޑުބެރު ޖެހުން ފަދަ ކުޅިވަރުތައް ކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކުޑަ ކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއް ވެސް، ޢީދުގެ ބަންދު ދުވަސްތަކުގައި އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް "ސާދަ އެންޓަޓައިމަންޓުން" ވަނީ ނިންމައިފަ އެވެ.

ކުޑަ އީދަށް މާލެ ސަރަހައްދު ކުލަ ބޮކިތަކާއި ޝިޢާރުތަކުން ދިއްލުމަށް، މާލެ ސިޓީ ކައުންސިލާއި ސިޓީސް މިނިސްޓްރީ އަދި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.