ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާތު އަވާ" މާދަމާ ރޭ މުޅި ރާއްޖޭގައި ފާހަގަކުރަން ނިންމައި، އެ ހަރަކާތުގައި ހުރިހާ ފަރާތްތަކުން ބައިވެރިވެދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެދިއްޖެ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 08:30 އިން 09:30ގެ ނިޔަލަށް ކަމަށެވެ. އެގޮތުން، އެ ވަގުތަށް ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ފިޔަވައި، އެހެން ދިއްލުންތައް ނިއްވާލުމަށް މިނިސްޓްރީން އެދިފައިވެ އެވެ.
މި ޙަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ޤުދުރަތީ ތަރިކަ ޙިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް' ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރުވުމަށް ހިތްވަރު ދިނުމެވެ.