Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޝަމްއާން ހައްޔަރުކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ކުއްލި ގޮތަކަށް ވަކިކުރި ޝަމްއާން ވަހީދު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޝަމްއާން ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ.

އަދި، އޭގެ އެއް ދުވަސްފަހުން، ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލާ ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދާފައިވާ ކަމަށެވެ. އަދި، ޝަމްއާން ދިރިއުޅުއްވާ ގެއިންވެސް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތައް، ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ޝަމްއާން ވަކިކުރެއްވުމަށް ފަހު އެ މަގާމަށް ރޭ ދަންވަރު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ.