ކުރިއަށް އޮތް ކުޑަ ޢީދަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީން މާލޭގެ އެކި ސަރަހައްދުތަކުގައި ޢީދު ލައިޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ، ވިލިމާލެ އަދި ހުޅުމާލޭގައި ކުލަބޮކި ޖަހާ މުޅި މާލެ ސަރަހައްދު ދިއްލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިދިޔަ ކުޑަ ޢީދުގައި ވެސް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތައް ކުލަ ބޮކިތަކުން ވަނީ ދިއްލާލައިފަ އެވެ.
ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން މި އަހަރު ރާއްޖޭގެ ކޮންމެ ދެ އަތޮޅެއް ކުލަބޮކިތަކުން ދިއްލާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
"ކުރިން ލައިޓްތައް ގެންދިޔަ ރަށްރަށަކަށް އަޅުގަނޑުމެން ލައިޓް މި ފަހަރު ނުގެންނަން. އަލަށް ގެންނަ ރަށްރަށަށް މި ގެންނަނީ އިނގޭތޯ. ގެންނައިރު އަޅުގަނޑުމެން މި އަހަރު 36 ރަށަށް ހަރަދުވާނެ ކަމަށް މި ބަލަނީ އެންމެ ގިނަވެގެން 28 މިލިއަން އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ "އީދު އަލި" ޙަރަކާތަކީ ރައްޔިތުންގެ ތަރުހީބު ލިބޭ ހަރާކާތަކަށްވާތީ ވުމާއި އެކަމަށް ހަދިޔާކުރާ ލައިޓްތަކަކީ ރަށްރަށާއި ކައުންސިލްތަކަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެކި ކަންކަމަށް ބޭނުން ކުރެވޭނެ ތަކެއްޗަށްވުމުން ރައްޔިތުންގެ ހިންހަމަޖެހުމަށް ކުރާ އެފަދަ ހޭދައަކީ މުހިއްމު ހޭދައެއް ކަމަށެވެ.