Last Updated: April 20, 20:39
Sunday, April 20, 2025
ދުނިޔެ

ގާޒާގެ ކެންސަރު ހޮސްޕިޓަލް ބިމާ ހަމަކޮށްލައިފި

ތުރުކީގެ އެހީގައި ގާއިމުކޮށްފައި ހުންނަ ގާޒާގެ ހަމައެކަނި ކެންސަރަށް ފަރުވޭދޭ ހޮސްޕިޓަލަށް އިޒްރޭލުން އިއްޔެ ހަމަލާދީ ބިމާ ހަމަކޮށްލައިފި އެވެ.

ހަމަލާތަކުގެ ސަބަބުން އެ ހޮސްޕިޓަލުގެ ހިދުމަތް މެދުކެނޑިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އެ ހޮސްޕިޓަލަށް ހަމަލާދިނީ އެތަނުގައި ހަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާތީ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް ހެއްކެއް އިޒްރޭލުން މިހާތަނަށް ދައްކާފައެއް ނުވެ އެވެ.

އެ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމެންޓުގެ އިސްވެރިޔާ ޑރ. ޒަކީ އަލް ޒަގްޒޫގް ވިދާޅުވީ ހަމަލާތައް މެދުކަނޑާލާފައި އޮތް ދުވަސްވަރު މެޑިކަލް ޓީމަކުން އެ ހޮސްޕިޓަލަށް ޒިޔާރަތްކުރި ކަމަށާއި އެގޮތުން ބައެއް ފެސިލިޓީސްތައް ހުރީ ވެސް ރަނގަޅު ހާލަތެއްގައި ކަމަށެވެ.

"ބަލި މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ ހޮސްޕިޓަލަކަށް ބޮން އަޅައިގެން ހާސިލުކުރެވޭނެ ކަމެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ މި ހަމަލާ ތުރުކީގެ ފޮރިން މިނިސްޓްރީން އަދި ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ކުށްވެރިކޮށްފަ އެވެ.

އެގޮތުން ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ މިއީ މިހާރުވެސް ނާޒުކު ހާލަތެއްގައި އޮތް ގާޒާގެ ސިއްހީ ނިޒާމު އިތުރަށް ބަލިކަށިކޮށްލުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މި ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ވެސް އަންނަނީ އިޒްރޭލަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.