Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ބ. އަތޮޅުން ދުނިޔޭގެ ރެކޯޑެއް ހަދަނީ

ބ. އަތޮޅުގައި ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން ތައްޔާރުވާން ފަށައިފި އެވެ.

އެ ރިކޯޑް ހެދުމަށް މަސައްކަތް ކުރަނީ ބ. އަތޮޅު އަނގަފަރު ސަރަަހައްދަށް އެއް ފަހަރާ 1،000 އަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނަން ހަމަޖެހިފައި އެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން އޮކްޓޯބަރު މަހުގެ 3 ގައި "ބާނި" ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ބ. އަތޮޅު ކައުންސިލާއ ފްރީޑައިވް މޯލްޑިވްސްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅުގެ ރައްޔިތުންނާއި އެ އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިތުރުން ޝައުގުވެރިވާ އެހެން ފަރާތްކަށް ވެސް ދޭން ވަނީ ނިންމައިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ އެކު ބ. އަތޮޅަކީ ޝައުގުވެރި އެތައް ކަމެއް ހުރި އަތޮޅެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.

އެ އަތޮޅަކީ މިހާރު ވެސް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި މަޝްހޫރު އަތޮޅެކެވެ.