Last Updated: April 11, 18:01
Friday, April 11, 2025
ދުނިޔެ

ދުބާއީގައި ސަލާންޖަހާ ބަޔަކު ހައްޔަރުކޮށްފި

މި ރޯދަ މަސް ދެބައިވި އިރު ދުބާއީގައި ސަލާން ޖަހަން އުޅުނު 100 އަށް ވުރެ ވުރެ ގިނަ މީހުން ހައްުޔަރުކޮށްި އެވެ.

ސަލާން ޖެހުން ހުއްޓުވަން ޔޫއޭއީ އިން "ފައިޓް ބެގިން" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން މި ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ސަލާން ޖަހަން އުޅުނު 127 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ސަސްޕެކްޓްސް އެންޑް ކްރިމިނަލް ފެނޯމެނާ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ކާނަލް އަހުމަދު އަލް އަދީދީ ވިދާޅުވީ ހައްޔަކުރި މީހުންގެ އަތުން 50،000 އަށް ވުރެ ގިނަ ދިރުހަމް ވެސް ފެނިފައިވާ ކަމަށެވެ.

އެކި ގައުމުތަކަށް ނިސްބަތްވާ މީހުންގެ މެޖޯރިޓީ އާބާދީއެއް އޮންނަ ޔޫއޭގައި ސަލާން ޖެހުން ހުއްޓުވަން އެ ގައުމުން އަންނަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައި، އެކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަކުންނެވެ. އެގޮތުން މީގެ ކުރިން ވެސް ޔޫއީއޭގެ އެކި ސިޓީތަކުން ސަލާން ޖަހަން އުޅުނު މީހުންތަކެއް ހައްޔަރުކޮށްފައިވެ އެވެ.

އެ ގައުމުން ބުނެފައި ވަނީ ސަލާން ޖަހާ މީހުންގެ ސަބަބުން ގައުމުގެ މޫނުމަތި ހުތުރުވާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަހަލަ ކުށްތަކަށް ވެސް މަގުފަހިވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާއި ރައްކާތެރިކަން ގެއްލުމާއި ވައްކަމާއި ފޭރުމާއި ކުޑަކުދިންގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ ކަންކަން ހިމެނެ އެވެ.

ޔޫއޭއީ އަކީ މުޅި ދުނިޔެ އަށް ވެސް ބަލާ އިރު ވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. އަދި މިއީ މެދުއިރުމަތީގައި ތަރައްގީ އާއި ކުރިއެރުމާއި ތަހުޒީބުގައި އެންމެ ފާހަގަކޮށްލެވޭ ގައުމެވެ.