ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ރާއްޖޭގެ ފުރަތަމަ ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް އާންމުކޮށްފި އެވެ.
އިންސްޓަގްރާމްގައި މިއަދު ޕޯސްޓްކޮށްފައިވާ ފޮޓޯތަކާ އެކު މިއީ އޭނަގެ ފުރަތަމަ ދަތުރުކަން ވެސް ފާހަގަކޮށް، އަދި އަލުން އަންނަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. ޕޯސްޓްގައި ކަރަން ވަނީ އޭނަ ހުރި ރިސޯޓް ކަމަށްވާ ޖުމެއިރާ އޮޅަހަލި އައިލޭންޑް ވަރަށް ހިތްގައިމު ކަމަށާއި އެތަނުގެ މެހުމާންދާރީ ވެސް ވަރަށް ފުރިހަމަކަން ފާހަގަކޮށްފަ އެވެ.
ކަރަން ރާއްޖެ އައީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ވަރަށް ގިނަ ބައެއްގެ ފެވަރިޓް ފިލްމެއް ކަމަށްވާ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އިން ޑައިރެކްޝަނަށް ނުކުތް ކަރަން އަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރެވެ. އަދި އޭނަ އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ހިންގަމުންނެވެ.
ކަރަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2023 ގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުތަކަކީ ކަބީ ހުޝީ ކަބީ ޢަމް (2001)، ކަބީ އަލްވިދާ ނާ ކެހެނާ (2005)، މައި ނޭމް އިޒް ޚާން (2010)، ސްޓޫޑެންޓް އޮފް ދި އިޔާ (2012) އަދި 2016 ގެ އޭ ދިލް ހެ މުޝްކިލް (2016) އެވެ.
ކަރަން އޮތީ އަލަށް އެކްޝަން ފިލްމެއް ހަދަން ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު އޭގެ ނަމާއި ކާސްޓާއި މަސައްކަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.