Last Updated: April 11, 18:01
Friday, April 11, 2025
ދުނިޔެ

ބޮކްސިން ލެޖެންޑް 'ބިގް ޖޯޖް' މަރުވެއްޖެ

ބޮކްސިން މައިދާނުގައި "ބިގް ޖޯޖް" ގެ ނަމުން މަޝްހޫރުވި އެމެރިކާގެ ބޮކްސިން ހެވީވެއިޓް ލެޖެންޑް ޖޯޖް ފޯމަން މަރުވެއްޖެ އެވެ.

އޭނަ އިއްޔެ މަރުވި ވާހަކަ އާއިލާ އިން މިއަދު އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ ޖޯޖް ވަކިވެ ދިއުމަކީ އާއިލާ އަށް ލިބުނު ވަރަށް ފަޅުކަމެއް ކަމަށެވެ. އޭނަ މަރުވި އުމުރަކީ 76 އެވެ.

ޖޯޖްގެ މަރާ ގުޅިގެން ބޮކްސިން ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ހިތާމަ ފާޅުކޮށް އޭނަގެ ހަނދާންތައް އާކޮށްފައިވެ އެވެ. އެގޮތުން މައިކް ޓައިޒަން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބޮކްސިން ދާއިރާ އަށް ޖޯޖް ކޮށް ދިން ހިދުމަތްތަކުގެ ހަނދާންތައް އަަބަދު ވެސް އާކުރާނެ ކަމަށެވެ.

އެމެރިކާގެ ޓެކްސަސް އަށް އުފަން ޖޯޖް އަކީ އޮލިމްޕިކްގައި ގޯލްޑް މެޑަލް ހޯދުމުގެ އިތުރަށް ވޯލްޑް ހެވީވެއިޓް ޓައިޓްލް ދެ ފަހަރަށް ހޯދާފައިވާ މީހެކެވެ. އޭނަ އަށް އޮލިމްޕިކްގައި ބޮކްސިން ގޯލްޑެ މެޑަލް ލިބުނީ 1968 ގައި މެކްސިކޯގައި ބޭއްވި މުބާރާތެކެވެ. އޭރު ޖޯޖްގެ އުމުރަކީ 19 އެވެ.

ކާމިޔާބު އަދި ކުލަގަދަ ބޮކްސިން ކެރިއަރުގައި އޭނަ ވަނީ އެ ކުޅިވަރުގައި މަޝްހޫރުވ ވަރަށް ގިނަ ބަޔަކާ ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި 2016 ގައި މަރުވެފައިވާ އެމެެރިކާގެ ބޮކްސިން ލެޖެންޑް އަލީ މުހައްމަދު ހިމެނެ އެވެ.

ބޮކްސިން އިން ޖޯޖް ރިޓަޔަކުރީ 1997 ގަ އެވެ.

ބޮކްސިން ކެރިއަރު ނިންމައިލުމަށް ފަހު އޭނަ އުޅުނީ ވިޔަފާރީގެ ތެރޭގަ އެވެ.