Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މާލޭގެ ތިން ސަރަހައްދެއްގައި ފެން ހިންދާ ނިޒާމު ގާއިމުކުރަނީ

މާލެ ސިޓީގެ މަގުތަކުގައި ފެން ހަރުލާ ސަރަހައްދުތަކުގެ ކާނުތައް ސާފުކޮށް، އެ ސަރަހައްދު ތަކުގައި ފެން ހިންދުމަށް ހޮޅިއަޅާ ގުޅުވައި މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކާނު ސާފު ކުރުމާއި ފެންހިންދާ ހޮޅި ގުޅުވުމުގެ މަސައްކަތައް މާލޭގެ ތިން ސަރަހައްދެއްގައި ދަނީ ކުރަމުންނެވެ. އެ ގޮތުން ގ. މަޖީދީމަގު (އަތަމާޕެލަސް ކުރިމަތީ) ހަރުލާ ފެންގަނޑު ހިންދުމަށް ޓަކައި، ފާށަނާކިލެގެފާނުމަގުގެ ކާނުތަކާއި މަޖީދީމަގުގެ ކާނުތައް، ހޮޅިއަޅައިގެން ގުޅުވައި، އެ ސަރަހައްދުގެ މަގުތައް ވެސް އަންނަނީ ފެން ނުހެދޭނެ ހެން މަރާމާތު ކުރަމުންނެވެ.

މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުން އަންނަނީ، މަޖީދީމަގާއި ސޯސަން މަގުގެ ބައެއް ސަރަހަދުގެ ކާނުތައް ސާފުކޮށް، މަގު މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިކަމާ ގުޅިގެން މޭޔަރު އާދަމް ޢާޒިމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވާރޭ ވެހުމުން މާލޭގައި ފެން ބޮޑުވާ މައްސަލައަކީ އެތައް ދުވަހެއްވަންދެން އިހުމާލުވެފައި އޮތް ކަމެއް ކަމަށާއި މިކަން ހައްލުކުރައްވާނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދާދި ފަހުން ވަނީ ފެން ހިންދުމަށް، ޒަމާނީ ފެންވަރުގެ "ގްލޯބަލް" ދެ ޕަމްފު ވެސް ގެނެސްފައެވެ. އަދި ދާދި އަވަހަށް އެ ފަދަ އިތުރު ދެ ޕަމްޕު ގެނައުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ.