Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

ނެމީބިއާ އަށް އަލަށް އަންހެން ރައީސެއް

އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާގެ ފުރަތަމަ އަންހެން ރައީސް ނެޓުމްބޯ ނަންޑީ-އެންޑައިޓްވާ (އެންއެންއެން) ގައުމު ހިންގެވުމާ ހަވާލުވެވަޑައިގެންފި އެވެ.

އުމުރުން 72 އަހަރުގެ އެންއެންއެން ރައީސްކަމުގެ ހުވާކުރެއްވީ އިއްޔެ އެވެ. އޭނަ އަކީ ނެމީބިއާގެ ފަސް ވަނަ ރައީސެވެ. ނެމީބިއާގެ ރިޔާސީ އިންތިހާބު އެންއެންއެން ކާމިޔާބުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިހާބު 58 ޕަސެންޓް ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ.

ވަރަށް ޒުވާން އުމުރުން ފެށިގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން ގެންދަވާ އެންއެންއެން އަކީ ކުރިން ނެމީބިއާގެ ނައިބު ރައީސްކަމާއި ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނަ ނިސްބަތް ވަނީ ނެމީބިއާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ޕާޓީ ކަމަށްވާ ސައުތު ވެސްޓް އެފްރިކާ ޕީޕަލްސް އޮގަނައިޒޭޝަން (ސްވަޕޯ) އަށެވެ.