ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ކަށަވަރުކޮށް ދީފި އެވެ.
މި މަހުގެ 14 އިން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަަންނަ "ދަ ޑިޕްލޮމެޓް" ގެ ބަތަލު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޯހިތާއި އޭނަ ފިލްމަކަށް މަޝްވަރާކުރާތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ. އަދި ރޯހިތާ އެކީ މަސައްކަތް ކުރަން ފުރުސަތު ފަހިވެފައިވާތީ ވަރަށް އުފާކުރާ ކަމަށް ވެސް ޖޯން ބުންޏެވެ.
"އަހަރެމެން ދެ މީހުން އެކީގައި މަސައްކަތްކުރާ ފިލްމު ވާނީ ކޮންޓެންޓްގެ ގޮތުން ބެލުންތެރިން ވަރަށް އުންމީދު ނުކުރާ ކަހަލަ އެއްޗަކަށް." އޭނަ ބުންޏެވެ.
ނަމަވެސް އޭގެ އެއްވެސް ތަފުސީލެއް ޖޯން ނުދެ އެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯހިތާ އެކު ޖޯން މަސައްކަތްކުރަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ އެވެ. އޭގެ ރައިޓްސް ރޯހިތަށް ދީފައި ވަނީ 2022 ގަ އެވެ.
ނަމަވެސް ރޯހިތާ އެކު މަސައްކަތް ކުރަނީ އެއަށްކަމުގެ އެއްވެސް އިޝާރާތެއް ޖޯން ދީފައެއް ނުވެ އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އެގެއިން" އެވެ. އެ ފިލްމު ރިލީޒްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
އެ ފިލްމަށް ފަހު ރޯހިތު ދެން ހަދާނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.