Last Updated: April 2, 22:48
Wednesday, April 2, 2025
ރިޕޯޓް

ރޯދައިގެ މުހިއްމު ބައެއް ސަވާބުތައް

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކޮށް މިހާރު މިއޮތީ އަލްވަދާއު ކިޔުމާ ދާދި ގާތުގަ އެވެ. ﷲ ވަނީ މި މައްސަރުގައި އެންމެހައި މުސްލިމުންގެ މައްޗަށް ރޯދަ ހިފުން ވާޖިބު ކުރައްވައިފަ އެވެ. ނަމަވެސް ރޯދަ ހިފުމުގެ ޘަވާބާއި ދަރުމަ އެނގޭތޯ އެވެ؟ އޭގެތެރެއިން ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.

1. ރޯދައިގެ ޘަވާބު ދެއްވަނީ ޚުދު ﷲ، އަދި ރޯދައިގެ ޘަވާބަކަށް ވަކި ޙައްދެއް ނުވަތަ މިންވަރެއް ނެތް

ޤުދުސީ ހަދީޘްފުޅެއްގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅުއްގެ މާނައިގައި ވެއެވެ: “އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ނިސްބަތްވަނީ އޭނާއަށެވެ. އެއީ ރޯދަ ފިޔަވައެވެ. އެޢަމަލު ނިސްބަތްވަނީ ތިމަން ﷲއަށެވެ. އެޢަމަލަށް ޖަޒާދެއްވާނީވެސް ޚުދު ތިމަން ﷲއެވެ.” (رواه أحمد, البخاري ومسلم)

(މާތްﷲ އަށް ރޯދައިގެ އަޅުކަން ނިސްބަތްކުރައްވާފައި އެވަނީ މާތްކަމުގެ ގޮތުންނެވެ.)

2. މުސްލިމަކު ރޯދައަށް ހުއްޓާ މަރުވެއްޖެނަމަ އޭނާ ސުވަރުގެ ވަންނާނެ

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެމީހަކު ރޯދައަށް ހުރި ދުވަހެއްގައި އޭނާގެ ނިމުންވެއްޖެ މީހާ ސުވަރުގެ ވަންނަހުއްޓެވެ.” (رواه أحمد والبزار وصححه الألباني)

3. ﷲ އަށްޓަކައި އިޙްލާސްތެރި ކަމާއެކު ރޯދައެއް ހިފައިފިނަމަ ނަރަކައާ 70 އަހަރުގެ ރާސްތާއަށް އޭނާ ދުރުކުރެވޭ

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: ”ﷲގެ ވަޖްހުފުޅަށްޓަކައި ރޯދައެއް ހިފައިފިމީހާ ދަންނައެވެ. އޭނާގެ މޫނު ނަރަކައާ ހަތްދިހަ އަހަރުގެ ރާސްތާއަށް މާތްﷲ ދުރުކޮށްދެއްވަވާނެއެވެ.” (رواه أحمد, البخاري, مسلم, الترمذي وابن ماجه)

4. ރޯދަ އަކީ ސުވަރުގެ ވަނުމަށް އޮތް މަގެއް، ރޯދަވެރިންނަށް ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް އެތަނުގައިވޭ

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން ސުވަރުގޭގައި “އައް ރައްޔާނު” އޭ ކިޔޭ ދޮރުކޮޅެއް ވެއެވެ. ޤިޔާމަތްދުވަހު ރޯދަވެރިން އެދޮރުކޮޅުން (ސުވަރުގެއަށް) ވަންނާނެތެވެ. އެއުރެންނާއެކު އެއުރެން ފިޔަވައި އެހެން މީހަކު (އެދޮރުކޮޅަކުން) ނުވަންނާނެއެވެ. (އެދުވަހުގައި) ނިދާ އިއްވެވޭނެއެވެ. ރޯދަވެރިން ކޮބައި ހެއްޔެވެ؟ ދެން އެއުރެން އެދޮރުކޮޅުން ވަންނާނެތެވެ. ފަހެ އެއުރެންގެ އެންމެފަހު މީހާ ވަންނަ ހިނދު، އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ފަހެ އެހެން އެއްވެސް މީހަކަން އެދޮރުކޮޅަކުން ނުވަދެވޭނެއެވެ.” (رواه أحمد, البخاري, مسلم والنسائي)

5. ރަމަޟާންމަހުގެ ރޯދަ ހިފުމަކީ އިސްވެގޮސްފައިވާ އެންމެހާ ކުދިފާފަތައް ފުހެވޭ ކަމެއް

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “އީމާންވެހުރެ، ﷲގެ ޙަޟްރަތުން ޘަވާބާއި އަޖުރަށް އެދޭ ޙާލު، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާ، ދަންނައެވެ. އޭނާގެ އިސްވެދިޔަހާ ކުދި ފާފައެއް ފޮހެވިގެން ދާނެ އެވެ.” (رواه أحمد, البخاري, مسلم وأصحاب السنن)

މި ބަރަކާތްތެރި މައްސަރުގައި އަޅުގަނޑުމެން ރޯދަހިފަމު އަންނަ އިރު ހިތަށް އޭގެ ޘަވާބާއި ދަރުމަ ގެނެސް އެ އަޅުކަން ފުރިހަމަ ކުރަމާ ހިންގަވާށެވެ. އޭރުން އަޅުގަނޑުމެން ހިފާ ރޯދަ މުޅިން ތަފާތު ވެގެންދާނެ އެވެ. އަޅުކަމުގައި އިޚްލާސްތެރި ވެވޭލެއް ބޮޑުވާނެއެވެ. އަޅުކަން އަދާ ކުރުމުގައި އުފުލާ ތަކްލީފް ބޮޑު ކަމަށް އިޙްސާސެއް ނުކުރެވޭނެ އެވެ.

މާތް ﷲ އަޅުގަނޑުމެންގެ ރޯދަ ޤަބޫލުކުރައްވާ މަތިވެރި ޘަވާބާއި ދަރުމަ ދެއްވާނދޭވެ! އާމީން!

މަޞްދަރު: އިލްމު.އެމްވީ