* ބޭނުންވާ ތަކެތި:
200 ގްރާމް ޗިކަން ލަންޗަން މީޓް
2 މޭޒުމަތީ ސަމުސާ ތެޔޮ
1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔާ
1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕާ
1 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު
2 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓް (ޖުމްލަ 140 ގްރާމް)
1 ސައިސަމުސާ ތެޅި މިރުސް
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ ހިކި އޮރިގާނޯ
2 ސައިސަމުސާ ލުނބޯ ހުތް
1 ކުޑަ ޕެކެޓް މަކީނޯ ނާޗޯ ޗިޕްސް ހަލަޕީނިއޯ ފްލޭވާ (100 ގްރާމް)
2/3 ޖޯޑު ގާނާފައި ހުރި ޗެޑާ ޗީޒް (1/3 ޖޯޑު ކޮންމެ ލޭޔާއަކަށް)
2/3 ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް (1/3 ޖޯޑު ކޮންމެ ލޭޔާއަކަށް)
2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް
* ތައްޔާރު ކުރާނެ ގޮތް:
1. އެންމެ ފަރަތަމަ ބޯތަށްޓަކަށް 200 ގްރާމް ޗިކަން ލަންޗަން މީޓް އަޅާލުމަށް ފަހު އުލެއް ބޭނުންކޮށްގެން އޮއްބަމުން މަސްކޮޅު ހިމުންކޮށް އެއްވަރަށް ޗަސްކޮށްލާށެވެ. އަދި ވަކިން ބަހައްޓާށެވެ.
2. ދެން ތަވަޔަކަށް 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. އެއަށް ފަހު، ތަވަޔަށް 1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ފިޔަލާއި 1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕާ، އަދި 1 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު އަޅާލާށެވެ. އަދި ހަލަމުން މެދު ގިނީގައި 4 މިނެޓު ވަންދެން ނުވަތަ ފިޔަލާއި ބެލް ޕެޕާ މަޑުވެ، މުށި ކުލައެއް އަރަން ފަށަންދެން ކައްކާލާށެވެ.
3. ދެން އެއަށް ކުރިން ޗަސްކޮށްލި ލަންޗަން މީޓް އަޅާލުމަށް ފަހު އިތުރު އެއް މިނެޓު ވަންދެން ހަލަމުން ކައްކާށެވެ.
4. އެއަށްފަހު، 2 ކުޑަ ދަޅު ޓޮމާޓޯ ޕޭސްޓްއާއި، 1 ސައިސަމުސާ ތެޅި މިރުސް، ½ ސައިސަމުސާ މުގުރި ދިރި، ½ ސައިސަމުސާ ހިކި އޮރިގާނޯ، އަދި 2 ސައިސަމުސާ ލުނބޯ ހުތް އަޅާލާށެވެ. އަދި އިތުރު 3 މިނެޓު ވަންދެން ޓޮމާޓޯ ޕޭސްޓްގެ ރަހައާއި އެހެން ރަހަތައް އެއްވަންދެން ކައްކާލާށެވެ. މިހާރު މަސްގަނޑު ހުންނާނީ ހިކި ލަޒާނިޔާ ސޯސްއެއް ގޮތަށެވެ.
5. ދެން އަވަނަށް ލެވޭ ކަހަލަ ތަބަކެއްގެ ތެރޭގައި މަކީނޯ ނާޗޯ ޗިޕްސް ޕެކެޓުގެ އެއްބައި އަތުރާލާށެވެ. އަހަރުމެން ބޭނުންކުރީ 8×6 އިންޗީގެ ތަބަކެކެވެ. ދެން އޭގެ މައްޗަށް ކައްކާލި މަސްގަނޑުގެ އެއްބައި އަޅާލާށެވެ. އަދި ސަމުސަލަކުން ޗިޕްސްގެ މަތީގައި އެއްވަރަށް އަތުރާލާށެވެ.
6. އެއަށް ފަހު، 1/3 ޖޯޑު ގާނާފައި ހުރި ޗެޑާ ޗީޒްއާއި 1/3 ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އޭގެ މައްޗަށް އަޅާލާށެވެ.
7. ދެވަނަ ލޭޔާ ހެދުމަށް ބާކީ ހުރި ނަޗޯ ޗިޕްސް ޗީޒްގެ މަތީގައި އަތުރާލާށެވެ. އެއަށްފަހު، ކުރިން ހެދިހެން މަސްގަނޑު އަޅާލުމަށް ފަހު 1/3 ޖޯޑު ގާނާފައި ހުރި ޗެޑާ ޗީޒްއާއި 1/3 ޖޯޑު ގާނާފައި ހުރި މޮޒަރެއްލާ ޗީޒް އޭގެ މައްޗަށް އަޅާލާށެވެ.
8. ދެން 180 ޑިގްރީ ސެލްޝިއަސްގައި 10 މިނެޓުވަންދެން އަވަން ހޫނުކޮށްލާށެވެ. އަދި ނާޗޯސް ހުރި ތަބައް އަވަނުގެ މެދު ބައިގައި 12 މިނެޓުވަންދެން ނުވަތަ ޗީޒް އެއްކޮށް ދިޔާވަންދެން ފިހެލާށެވެ.
9. ފިހެ ނިމުމުން 2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް މައްޗަށް އަޅާލާށެވެ. މި ލޯޑަޑް ނާޗޯސް ކާލުމަށް އެންމެ މީރު ވާނީ ވަގުތުން، ހޫނުކޮށެވެ.
ރެސިޕީ: ލޮނުމެދު.ކޮމް