ބެލުންތެރިން މި އަހަރު ވަރަށް ބޮޑަށް އިންތިޒާކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މި ފިލްމު 2023 ގައި އިއުލާންކުރީ އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ.
ނަމަވެސް "ޓޮކްސިކް" އަންނަ އަހަރަށް ފަސްކުރިކަން އިއުލާންކޮށް، ފިލްމުގެ ޓީމުން މިއަދު އާ ޕޯސްޓަރެއް އާންމުކޮށް ބުނީ ސިނަމާތަކަށް ފިލްމު ގެންނަން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 19 ގައި ކަމަށެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކުރާ ފިލްމަކީ އިިންޑިއާގެ ދެކުނުގެ ތަރިންނާއި ބޮލީވުޑްގެ ތަރިންތަކެއްގެ މަސްހުނި ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން "ޓޮކްސިކް" އިން ފެންނާނެ ތަރިންގެ ތެރޭގައި ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، އަކްޝޭ އޮބެރޯއީ، ހުމާ ގްރޭޝީ، ނަޔަންތަރާ، ސުދޭވް ނައިރް އަދި ޑެރެލް ޑި ސިލްވާ ހިމެނެ އެވެ.
މި ފިލްމުގެ ލީޑް ބަތަލު ޔާޝްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ކޭޖީއެފް: ޗެޕްޓާ 2" އެވެ.