މިދިޔަ މަހުގެ ތެރޭގައި 14 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ، 23، އެވެ.
އޭނަ ހައްޔަރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު 14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
ޒީނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ދެ ފަހަރު ބަންދަށް ޖެހީ 15 ދުވަހެވެ. ތިންވަނަ ފަހަރަށް ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.