Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ސާންތި ނިޔާވުމަކީ ދިވެހި ކުޅިވަރަށް ލިބުނު ހުސްކަމެއް

މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ދިވެހި ކުޅިވަރުގެ ދާއިރާ އަށް ލިބުނު ހުސްކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސާންތީ މިރޭ ނިޔާވިއިރު، ފާއިތުވި އަހަރުތަކުގައި އޭނާ އައީ ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ވެސް ރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ސާންތި ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.

ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި ސާންތިގެ ޢާއިލާއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.

ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ސާންތި އަކީ 2008 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގެ ބައެއް ކްލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ސާންތި އެންމެފަހުން ފެނިގެން ގޮސްފައިވަނީ ކްލަބް އީގަލްސްގެ ބެންޗުންނެވެ.