Last Updated: April 1, 23:32
Tuesday, April 1, 2025
ކުޅިވަރު

ސާންތީގެ ޖަނާޒާ މެންދުރު ނަމާދަށް ފަހު

މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ޖަނާޒާ މިއަދުގެ މެންދުރު ނަމާދަށް ފަހު ބާއްވަން ނިންމައިފި އެވެ.

ސާންތީ ،51، ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 9:30 އިން ފެށިގެން އިސްލާމީ މަރުކަޒުގަ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.

ސާންތީ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާ ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި ސާންތިގެ ޢާއިލާއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.

ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ސާންތި އަކީ 2008 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ރާއްޖޭގެ ބައެއް ކްލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ސާންތި އެންމެފަހުން ފެނިގެން ގޮސްފައިވަނީ ކްލަބް އީގަލްސްގެ ބެންޗުންނެވެ.