ގާޒާ އަށް އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގައި ވައިގެ މަގުން ދިން ހަމަލާތަކެއްގައި ހަމާސް ޖަމާއަތުގެ ލީޑަރަކު ޝަހީދުކޮށްލައިފި އެވެ.
ދެކުނު ޚާން ޔޫނުސަށް މިއަދު ދިން ހަމަލާތަކެއްގައި ޝަހީދުކޮށްލާފައި ވަނީ އެ ޖަމާއަތުގެ ސިޔާސީ އިސް ލީޑަރެއް ކަމަށްވާ ސަލާހް އަލް-ބަރްދަވީލް އެވެ. އެކަން ހަމާސް އިން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާހްގެ އިތުރުން ހަމަލާގައި އޭނަގެ އަނބިކަނބަލުން ވެސް ޝަހީދުވެފައިވެ އެވެ.
މީގެ ކުރިން ވެސް އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއުދުވާނީ ހަމަލާތަކުގައި ހަމާސްގެ އިސް ލީޑަރުންތަކެއް ޝަހީދުކޮށްފަ އެވެ.
ޔަހޫދީން އަލުން ގާޒާ އަށް މި މަހުގެ 19 އިން ފެށިގެން ހަމަލާ ދޭން ފެށީ ހަމަލާތައް މެދުކަނޑާލަން ހަމާސްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހަމަލާތައް މެދުކަނޑާފައި އޮތުމަށް ފަހު އެވެ. އިޒްރޭލުން ބުނަމުން ދަނީ އެއްބަސްވި ގޮތަށް ހަމާސް އިން އަސީރުން މިނިވަން ކުރަމުން ނުދާ ކަމަށާއި އެހެންވެ ހަމަލާތައް ދެން ކުރިއަށް ގެންދާނެ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނާ ދެކޮޅަށް އަނިޔާވެރި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 49،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.