އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އަައްޑޫ ހަންކެޑެ މަޝްރޫއު ފެށުން މި ސަރުކާރުން އިފުތިތާހުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރޭ ހަވާ އެރުވުމާ އެކު ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ.
އެހެންވެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ހަވާގެ އެ ވިދުންތައް ގަދަ ކުލަތައް ފަދައިން ހަންކެޑެއިގެ މަސައްކަތް ވެސް ދެން ވަރަށް ބާރަށް ކުރިއަށް ދާނެ ކަމަށެވެ. ސަބަބަކީ ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުން ފެށިގެން، އެކި ސަރުކާރުތަކުގައި އެކި ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ކުރެވި މިހާތަނަށް ވެސް ހަގީގަތަކަށްވެފައި ނެތް މަޝްރޫއަކަށްވުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގަތް މުހިއްމު އެއް ވައުދަކީ ވެސް ހަންކެޑެ ވީހާ ވެސް އަވަހަށް ތަރައްގީ ކުރުމެވެ. މި މަހުގެ 1 އިން ފެށިގެން ހުޅުވައިލީ ހަންކެޑެ އާ ބްރިޖަކީ ވެސް، ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރަން ޕްލޭންކޮށްފައި އޮތުމުން ހަދަން ޖެހުނު ބްރިޖެކެވެ.
ބްރިޖް ނިމި ރައްޔިތުން މިހާރު އެ ބޭނުން ކުރަމުުން އަންނަ އިރު، ދެކެން ބޭނުންވާ މަންޒަރަކީ ހަންކެޑެއިގެ އަމަލީ މަސައްކަތް ކުރިއަށް ދާ ތަނެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިބާހު ކެމްޕޭންގެ ތެރޭގައި ހަންކެޑެ ޕްރޮޖެކްޓް މި ސަރުކާރުން ލޯންޗްކުރި އިރު، ހަންކެޑައި ހުރި ގިނަ އަދަދެއްގެ ގަސްތަކާއި ރުއްތައް ނަގައި އެތަން ސާފު ކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެހެންވެ މިހާރު ހަންކެޑެއިގެ ވެޖެޓޭޝަނަށް އޮތީ ވަރަށް ބޮޑު ބަދަލެއް ގެނެވިފަ އެވެ.
ސުވާލަކީ އެ ގެނައި ބަދަލާ އެކީ އަމަލީ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ އެވެ؟ އަޑުތައް އިވޭ ގޮތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށިގެން އުޅެނީ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތް ޗައިނާގެ ކުންފުންނެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އަށް ފަންޑް ނުހޯދިގެންނެވެ.
އެ ކުންފުންޏާ މި ޕްރޮޖެކްޓް މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކުރީ އެމްޑީ ސަރުކާރުގައި މާޗް 30، 2023 ގަ އެވެ.
Introducing the Hankede Integrated Tourism Project. A project that will revitalize Addu City and enhance the tourism experience. An opportunity for Addu citizens to benefit from integrated tourism through more jobs, and by creating a favourable environment for SMEs to thrive. pic.twitter.com/glRxXsVRQL
— Maldives Fund Management Corporation (@mfmc_mv) January 27, 2023
ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ. ހަންކެޑެ މަޝްރޫއަކީ 25،000 ޓޫރިސްޓުންނަށް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން 1،980 އެއްހާ ވަޒީފާ އައްޑޫގައި އުފެދިގެން ދާނެ އެވެ.
މި މަޝްރޫއުގެ ތެރޭގައި:
* 2 ގްރޭންޑް ހޮޓެލް: 600 އެނދު
* 2 ޑިލަކްސް ހޮޓެލް: 320 އެނދު
* 8 ބުޓީކް ހޮޓެލް: 560 އެނދު
* 8 ސާވިސްޑް އެޕާޓްމަންޓް: 560 އެނދު
* 8 ބީޗް ވިލާ ދެ ކޮޓަރީގެ: 32 އެނދު
* 9 ބީޗް ވިލާ ހަތަރު ކޮޓަރީގެ: 72 އެނދު
މީގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާ ވަރަށް ގިނަ އެކިއެކި ވަސީލަތްތައް މަޝްރޫއުގެ ތެރޭގައި ގާއިމުކުރާ ގޮތަށް ޕްލޭންކޮށްފަ އެވެ.
ހަންކެޑެ މަޝްރޫއު "ވާނުވާގައި" އޮތް އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ އެތަނުގައި ތަރައްގީކުރާ ހޮޓާތައް މެނޭޖްކޮށް، އޮޕަރޭޓް ކުރަން ދެ ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އެމްއެފްއެމްސީން ބުނެފައި ވަނީ ހޮޓާތައް ހިންގުން ހަވާލުކުރީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސްއާ ކަމަށެވެ.