Last Updated: April 2, 22:48
Wednesday, April 2, 2025
މުނިފޫހިފިލުވުން

ސުޝާންތުގެ މަރުގެ މައްސަލަ ފައިލްކޮށްފި

މީގެ ފަސް ވަރަކަށް އަހަރު ކުރިން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުހީގަށް މިހާތަނަށް ފާހަގަވެފައި ނުވާތީ އެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ފައިލްކޮށްފި އެވެ.

މައްސަލަ އިއްޔެ ފައިލްކޮށް އެތަނުން ބުނީ ސުޝާންތު މުމްބާއީގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގައި ދަންޖެހިފައި ހުއްޓައި ޖޫން 14، 2020 ގައި ފެނުމާ ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުގައި ބަޔަކު އޭނަ މަރައިލީކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ތަހުގީގުގެ ތެރޭގައި 20 ވަރަކަށް މީހުންނ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ވެސް ސީބީއައި އިން ނަގާފައިވެ އެެވެ.

ނަމަވެސް ސުޝާންތުގެ މަރާ އެހެން ބަޔަކާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ކަމެއް ތަހުގީގަކަށް ފާހަފަކުރެވިފައެއް ނުވެ އެވެ. އެހެންވެ އޭނަ ދަންޖެހިގެން މަރުވީ އަމިއްލަ އަށް ކަމަށް ބުނެފައިވެ އެވެ.

ސުޝާންތު މަރާ ގުޅިގެން އޭރު ރައްޓެހިވެގެން އުޅުނު ބަތަލާ ރިއާ ޗަކްބަތަރީގެ މައްޗަށް އާއިލާ އިން ކުރި ތުހުމަތުތަކާ ގުޅިގެން އޭނަ ހައްޔަރުކޮށް ދެ ދަމެއްހާ ދުވަހު ޖަލުގައި ވެސް ބަންދުކުރި އެވެ. އަދި ފަހުން ރިއާ ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.

ސުޝާންތު މަރުވި އިރު، ރިއާ އާއި އޭނަ ގެންދިޔައީ އެކީގައި އުޅެމުންނެވެ. އެކަމަކު ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނުނީ، ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހި، އެޕާޓްމަންޓުން ރިއާ ނުކުގެން ދިޔަޔާ ހަފުތާއެއް ދުވަސް ފަހުންނެވެ. އޭގެ ފަހުން ސުޝާންތާ އެކީ އެޕާޓްމަންޓްގައި އުޅުނީ އޭނަ ގެންގުޅުނު ކައްކާ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކަށް ވެސް އިނގިލި އެތައް ބައެއްގެ މައްޗަށް ސާބިތު ނުހިފޭ އެތައް ތުހުމަތުތަކެއްކޮށްފައިވެ އެވެ.

ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ބާރަށް ކުރިއަރަމުން އައި ސުޝާންތު، 34، ގެ ކެރިއަރުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން މަޝްހޫރުވި ސުޝާންތުގެ ފުރަތަމަ ފިލްމަކީ 2013 ގެ "ކައި ޕޯ ޗޭ" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މަރުވި ފަހުން ގެނެސްދިން 2020 ގެ "ދިލް ބޭޗާރާ" އެވެ.

ސުޝާންތުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އެމްއެސް ދޯނީގެ ބައޮގްރަފިކަލް ޑްރާމާ 2016 ގެ "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ.